މައްސަލައެއްގައި ފުލުހުން ހިފެހެއްޓި ފޯނު އަނބުރާ ނުދީގެން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ފޯނު އޭނެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.
އާންމުންގެ ފަރާތަކުން ފުލުހުންނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މުދާ ހޯދުމުގެ އަމުރަށް އެދި ހުށަހަޅާ މައްސަލައެއްގެ ގޮތުގަ އެވެ.
މި މައްސަލައިގައި އެ ފަރާތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން 21 އޮކްޓޫބަރު 2025 އިން 31 އޮކްޓޫބަރުގެ ނިޔަލަށް ހިފެހެއްޓި ފޯނު އަނބުރާ ދީފައި ނުވާތީ ފޯނު ހޯދުމަށެވެ.
ކްރިމިނަލް ކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ، މި މައްސަލައިގައި ޖަވާބު ހުށަހެޅުމަށް ފުލުހުންގެ ހިދުމަތަށް ދެވުނު ފުރުސަތުގައި، ވެރިފަރާތަށް ފޯނު ރައްދުކުރެވިފައިވާ ކަމަށް ފުލުހުން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ފޯނު އަނބުރާ ހަވާލުކޮށްފައިވަނީ މައްސަލަ ހުށަހެޅި ފަހުން، 10 ނޮވެމްބަރު 2025 ގައިކަން ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތުން ވަނީ މައްސަލަ ބާތިލުކޮށްދިނުމަށް އެދިފަ އެވެ. އަދި މައްސަލަ ހުށަހެޅި ފަރާތުން އެދުނު ގޮތަށް ކޯޓުން ވަނީ އެ މައްސަލައިގެ ފޯމު ބާތިލުކޮށްފަ އެވެ.



