ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާ އަދި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީން ސްކޫލްގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދް ވިދާޅުވީ މި ބައްދަލުވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ވީމާ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު ވަނީ އަރުވާފަ އެވެ.
މީގެއިތުރުން ދިވެހި ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ ގަ އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 7 ޑިސެންބަރު ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު ދިވެހި ވިޔަފާރިވެރިންނަށް ވަނީ އަރުވާފަ އެވެ.
ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ބައްވަވާ މި ބައްދަލުވުންތަކުގެ ތެރެއިން ޑިސެމްބަރު 16 ވާ އަންގާރަ ދުވަހުގެރޭ 20:30ގައި ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޢިމާދުއްދީން ސްކޫލްގަ އެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައީސް ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޮޅި އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ހުޅުމާލެ ފޭސް 2 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު



