ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް އަލަށް ހެދުމާއި، މިހާރު ހުރި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް، ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީއާ ހަވާލުކުރީ 91 މިލިއަން ރުފިޔާއަށް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ. މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު ބައެއް މީޑިއާތަކުން ވަނީ މަޝްރޫއު ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކުން އެ މަސައްކަތްކުރާ އަގަށްވުރެ ބޮޑު އަގެއްގައި ކަމަށް ރިޕޯޓްކޮށްފަ އެވެ. އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން، މި މަސައްކަތަކީ މީގެ ކުރިން 2022 ވަނަ އަހަރު ރޮޓައިމްއާ ހަވާލުކުރެވުނު ”ހުޅުމާލޭގައި ޓެމްޕަރަރީ ވާކާރސް އެކޮމޮޑޭޝަން“ ތަރައްޤީކުރުމުގެ މަސައްކަތުގެ ބަދަލުގައި އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލު އައުމާއި، އެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ކުޅިވަރު ސްޓޭޑިއަމްއެއް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެދިވަޑައިގަތުމާ ގުޅިގެން، ކުރީގެ ”އެކޮމޮޑޭޝަން“ ބުލޮކުގެ މަޝްރޫޢު ނިމުމަކަށް ގެނައުމަށް އެޗްޑީސީ އާއި ކޮންޓްރެކްޓަރާ ދެމެދު ސެޓްލްމަންޓް އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ. މި މަގު ހެދުމުގެ މަޝްރޫއު ހަވާލުކުރެވުނީ އެ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުންނެވެ.
އެޗްޑީީސީން ބުނި ގޮތުގައި މި މަޝްރޫއު ޖުމްލަ އަގަކީ ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829.15 ދިވެހި ރުފިޔާ އެވެ. އަދި އެ ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޯޕަރޭޝަންގެ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަކަށެވެ. އެގޮތުން؛
- 50% އަށްވާ ފައިސާ އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ
- ބާކީވާ 50% 2027 ވަނަ އަހަރުން ފެށިގެން 6 އަހަރު ދުވަހުގެ ތެރޭގައި ދެއްކުމުގެ ފުރުސަތު ލިބޭނެ
އެޗްޑީސީން ބުނި ގޮތުގައި ރޮޓައިމް އިން ވަނީ މަސައްކަތަށް ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަސް މުއްދަތެއްގައި މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ. އަދި އެ ކުންފުނިން އުންމީދުކުރަނީ މި މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ، ހުޅުމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތައް އަވަހަށް ލިބިގެންދިއުމެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 5 މަގަކާއި ދެވަނަ ފިޔަވަހީގެ ފިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެ އެވެ. މީގެ އިތުރުން، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް އަލުން ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ އެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 1 ގައި އަދި ނުހެދި ހުރި ހުރިހާ މަގުތަކާއި، ފޭސް 2 ގައި ވިނަރެސް ރެސިޑެންސްއާ ޖެހިގެން ހުންނަ މަގު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ޖުމްލަ 1.1 ކިލޯމީޓަރުގެ މަގު މި މަޝްރޫޢުގެ ދަށުން ހެދޭނެ އެވެ. މީގެ އިތުރުން، ފޭސް 1 އަދި ފޭސް 2 ގައި މިހާރު ހުރި މަގުތަކުގެ ތެރެއިން ތާރު ހަލާކުވެފައިވާ މަގުތައް، ޚާއްސަކޮށް ފިތުރޯނު މަގާއި އެހެނިހެން މަގު ހުރަސްތަކުގައި ހަލާކުވެފައިވާ ބައިތައް މަރާމާތުކޮށް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެ އެވެ.
މަޝްރޫޢުގެ ދަށުން ހިމެނޭ މަގުތައް:
- R1: އެޕޮލޯ، ފިތިރޯން، ވަން އެވެނިއު އަދި އައިރާ ރެސިޑެންސްއާ ޖެހިގެން ހުންނަ މަގު (ފޭސް 1)
- R2: ވަން ސެންޓްރަލް ރެސިޑެންސްއާ ޖެހިގެން ހުންނަ މަގު (ފޭސް 1)
- R3: ޓްރީޓޮޕް ޕާކްއާ ޖެހިގެން ހުންނަ މަގު (ފޭސް 1)
- R4: ރީތިގަސް ރެސިޑެންސްއާ ޖެހިގެން ހުންނަ މަގު (ފޭސް 1)
- R5: ދަ ގާޑަންސް ރެސިޑެންސްއާ ޖެހިގެން ހުންނަ މަގު (ފޭސް 1)
- R6: ވިނަރެސް ރެސިޑެންސްއާ ޖެހިގެން ހުންނަ މަގު (ފޭސް 2)

މި މަޝްރޫޢު ނިންމުމަށް 5-6 މަސް ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، އެންމެ އިސްކަމެއް ދެވޭނީ އެޕޮލޯ، ފިޓްރޯން، ވަން އެވެނިއު އަދި އައިރާ ރެސިޑެންސްއާ ޖެހިގެން ހުންނަ މަގުތަކާއި، ވަން ސެންޓްރަލްއާ ޖެހިގެން ހުންނަ މަގު އަދި ވިނަރެސްއާ ޖެހިގެން ހުންނަ މަގު ހެދުމުގެ މަސައްކަތް ފެށުމަށެވެ.


