މަސްތުވާތަކެތީ ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށް ބަންދު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. މި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.
ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން އެމީހުން ކޯޓުގައި ބުނެފައިވަނީ، އެމީހުންގެ އަތުން ފެނުނު އެއްޗަކީ މަސްތުވާއެއްޗެއް ނޫން ކަމަށާއި އެއީ ޕްރޮޓީންއެއް ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ކޯޓުގައި ބުނެފައިވަނީ، މިތަކެތީގައި މަސްތުވާތަކެތި އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެކަން އިތުރަށް ޔަގީން ވާނީ ތަހުލީލު ރިޕޯޓު ލިބުމުން ކަމަށެވެ. މި ތަކެތީގެ ވަގުތީ ނަތީޖާ ތިން ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށާއި، މިހާރު އެތަކެތިވީ އަވަސްތަކެތީގެ ގޮތުގައި ތަހުލީލު ކުރުމަށް ފޮނުވާފައި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މި މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވަނީ ކުށުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާތީ އެވެ.



