މީހުން މެރުންފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާ ނިސްބަތްވާ ގްރޫޕުތަކުގެ މީހުންނާއި ދިފާއީ ވަކީލުން ހެކިންނަށް ބިރު ދެއްކުމަކީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ / ކޮކާ، އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ދައުވާކުރި ލ. ފޮނަދޫ / ހިޔާ، ހަމްދޫން ހަމްޒަތު، މެރުމަށް މިމަހުގެ 7 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
މި މައްސަލައިގެ ރިޕޯޓުގައި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވަނީ، މި މައްސަލައިގައި ދައުލަތުން ހުށަހެޅި ”ސިއްރު ހެކިވެރިޔާ 8“ ހެކިބަހުން ރުޖޫއަވާން ބޭނުންވާކަމަށްބުނެ ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާތީ އެކަމާ ގުޅޭގޮތުން ބައެއް ކަންކަން ފާހަގަކޮށްފަ އެވެ. ”ސިއްރު ހެކިވެރިޔާ 8“ އަކީ މިމައްސަލައިގައި ކަން ހިނގާދިޔަގޮތް ލޮލަށްފެނުނު އަދި ހަމަލާދިނީ ހަމްދޫން ހަމްޒަތުކަން އައިޑެންޓިފައިކުރި ހެކިވެރިއެކެވެ.
”ސިއްރު ހެކިވެރިޔާ 8“ ކޯޓުގައި ހެކިބަސްދެމުން ބުނެފައިވަނީ ހަމްދޫން ހަމްޒަތުގެ އަތުގައި ވަޅިއެއް އޮއްވާ ފެނިފައިވާ ކަމަށާއި، އަދި އެ ވަޅިން އާގިލްގެ މެއަށް ހަމަލާދެމުން ދިޔަތަން ފެނުނު ކަމަށެވެ. ހަމްދޫން ހަމްޒަރު، އާގިލްއަށް ހަމަލާދިން މައްޒަރު ފެނިފައިވަނީ 7 ނޫނީ 10 ވަރަކަށް ފޫޓު ކައިރިން ކަމަށްވެސް ހެކިބަސް ދީފައިވެ އެވެ. ހަމަލާގެ ފަހުން ހަމްޒަރުގެ އަތުގައި އޮތް ވަޅީގައި ބައިވަރު ލޭ ހުރިކަމަށާއި، އަދި އެ ލޭތައް ވަޅިން ފޮޅާލަން ވެގެން ގަޔާއި ދުރަށް ފޮޅާލިތަން ފެނުނު ކަމަށްވެސް ހެކިވެރިޔާ ބުނެފައިވެ އެވެ. އަދި އެއަށްފަހު އެތަނުގައި ހުރި ސައިކަލެއްގެ ފަހަތަށް އަރައިގެން ދިޔަ ކަމަށް ހެކިބަސް ދީފައިވެ އެވެ.
”ސިއްރު ހެކިވެރިޔާ 8“ ކޯޓަށް މި ހެކިބަސް ދީފައިވަނީ 20 ސެޕްޓެމްބަރު 2021 ވަނަ ދުވަހު އެވެ. އަދި 02 ނޮވެމްބަރު 2023 ގައި ސިޓީއެއް ފޮނުވައި، އޭނާ ދީފައިވާ ހެކިބަހަކީ ކޮން ބައެއްކަން ޔަގީން ނުވާހާލަތުގައި ހުރެ ދީފައިވާ ހެކިބަހަކަށްވާތީ މި ހެކިބަހަކީ ބާތިލް ހެކިބަހެއްކަމުގައި ކަނޑައަޅައިދިނުމަށް އެދިފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ރިޕޯޓުގައި ވިދާޅުވެފައިވަނީ، މިފަދަ ބޮޑެތި މައްސަލަތަކުގައި ގިނަ ފަހަރަށް މިގޮތަށް އަމަލުކުރާ ގިނަ ހެކިންނަކީ އެމައްސަލައެއްގައި ހިމެނޭ އެންމެ މުހިންމު ހެކިންނަށްވާއިރު، މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެފަރާތްތަކުގެ އާއިލާއިންނާއި ދިފާއީގޮތުން ވަކާލާތު ކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރު ދައްކައި ފުރާނައަށް ނުރައްކާވާނޭފަދަ ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރުދީ ހަދާކަން ހައިކޯޓުން މީގެކުރިން ނިންމާފައިވާ ގަޒިއްޔާއަކުންވެސް އެނގެން އޮންނަ ކަމަށެވެ.
”..މިކަމަކީ ހިނގާކަމެއްކަމާއި އަދި މިއީ ޖިނާއީ އަދުލްގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށްމިވަނީ ވެފައެވެ.“ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ގާޒީ އަލީ އާދަމް ފާހަގަކުރައްވާފައިވެ އެވެ.
2018 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ ސަބަބާއި ގުޅޭގޮތުން ގާޒީ އަލީ އާދަމް ވިދާޅުވެފައިވަނީ، ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން އައްޔަނު ކުރެވިފައިނުވުމުގެ ސަބަބުންނާއި ދައުލަތުން ހުށަހަޅާފައިވާ ސިއްރުހެކިން ހާޒިރު ކުރުމުގައި ދަތިތަކެއް ދިމާވުމުގެ ސަބަބުން ކެންސަލްވެފައިވާ ކަމަށެވެ. މި މައްސަލައިގައި ސިއްރުހެކިން ހެކިބަސް ނެގުމަށް ހާޒިރުކޮށްފައިވަނީ ކޯޓުން ޗިޓު ފޮނުވައިގެން ކަމަށާއި މިކަމުގެ ސަބަބުންވެސް ދިގު މުއްދަތެއް ފާއިތުވިކަން ގާޒީ ފާހަގަކުރެއްވި އެވެ. އާންމު ގޮތެއްގައި ސިއްރުހެކިން ދައުލަތުން ޝަރީއަތަށް ހުށަހަޅާނަމަ، އެހެކިން ހާޒިރުކުރުމަކީ ދައުލަތުގެ ޒިންމާގެ ތެރޭގައި އޮންނަ ކަމެކެވެ.
ސިއްރު ހެކިން ހާޒިރުކުރިނަމަވެސް ހެކިބަސް ދިނުމަށް ފަަސްޖެހެމުންދިޔަކަން ފާހަގަކޮށް ގާޒީ އަލީ އާދަމް ވިދާޅުވީ މީހުންގެ ފުރާނައާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ހެކިންގެ ހެކިބަސް ލިބިގެން ނުދިއުމަކީ ޖިނާއީ އަދުލް ނިޒާމާމެދު ރައްޔިތު މީހާގެ ހިތުގައި އޮންނަ އިތުބާރު ގެއްލެން މެދުވެރިވާކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި ހެކިންނަށް ފުރިހަމަ ސަލާމަތާ ރައްކާތެރިކަން އޮތް މިންވަރު މިހާތަށްވުރެ ބޮޑަށް ހެކިމީހާއަށް ކަށަވަރުކޮށްދެވޭނެ މިންވަރަށް ތަހުގީގީ އިދާރާތަކާއި ކަމާގުޅުންހުރި މުވައްސަސާތަކުން ކަންކަން ހަމަޖައްސައިދޭންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
”ތުހުމަތު ކުރެވޭ ފަރާތް ޖަލުގައި ހުރުމަކީ ހެކިންނަށް އޮތް ރައްކާތެރިކަން ކަށަވަރުވެގެންދާކަމެއް ނޫނެވެ. ސިއްރުހެކިންގެ ގޮތުގައި ހެކިން ހުށަހަޅާއިރު، އެ ސިއްރުވެރިކަން ހިފެހެއްޓޭނެ، މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮންނާންޖެހެއެވެ. ހެކިންނަށް ރައްކާތެރިކަން ކަށަވަރުވާންޖެހެއެވެ. ޝަރީއަތްތައް އަވަސް ކުރުމަށްޓަކައި ގުޅިގެން ހުރިހާ މުވައްސަސާތަކެއް މަސައްކަތްކުރާން އެބަޖެހެއެވެ.“ ގާޒީ އަލީ އާދަމް ވިދާޅުވެފައިވެ އެވެ.
އާގިލް މަރާލި މައްސަލައިހައި ހަމްދޫން ހަމްޒަތުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، މި މައްސަލައިގައި ދެން ދައުވާ އުފުލި އިބްރާހިމް ވިޝާމް އަދި އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.



