ބޮޑުކަންނެލި ޕްރޮސެސް ކުރާ ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް ޖެނުއަރީގައި ފެށުމަށް ދަނީ ތައްޔާރުވަމުން: މިނިސްޓަރު ޝިޔާމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޮޑުކަންނެލި ޕްރޮސެސް ކުރުމަށް ހުޅުމާލެގައި ގާއިމުކުރާ ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް ޖެނުއަރީގައި ފެށުމަށް ސަރުކާރުން ތައްޔާރީތައް ވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހާއި ދިމާކޮށް މިއަދު، ބޮޑުކަންނެލި މަސްވެރިން އަންނަނީ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކޮށް މާލެ ކައިރީ ކަނޑުތެރޭގައި މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާގައި ބޮޑުކަންނެލި މަސްވެރިން އަންނަނީ ސަރުކާރުން އެ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލަމުންނެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުލައިދާ މައްސަލައާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަ ކަމަށެވެ.

މިކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން ހުށަހަޅުއްވަނީ ސަރުކާރުން މިކަމުގެތެރެއަށް ވަދެ ކަންނެލި މަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ތަންފީޒުކުރުމަށްވެސް މަސްވެރިން އެދޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމު ކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަހު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން ކަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ޖޫންމަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިރުޝާދުފުޅާއެކު މާލެ އޭރިއާއިން ތެލަށް ހެޔޮ ބަދަލެއް ގެނެސް، ބޭސް ރޭޓްގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުވެސް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހޭނެކަން މީގެކުރިން ރައީސް މުއިއްޒު ފާހަގަކުރައްވާފައިވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

”ކުރިޔަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރިހާ ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން، އިންޝާﷲ“ މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިން މިއަދު ކުރަމުންދާ މުޒާހަރާގައި 40 އަށްވުރެ ގިނަ ބޮޑުކަންނެލި މަސްދޯނި ހަރަކާތްތެރިވަމުންއާދެ އެވެ. އަދި އެ ސަރަހައްދުގައި ކޯސްޓްގާޑް އަދި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ