އަމާޒަކީ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދީ، ޙައްޤުތަކާމެދު ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ރާއްޖޭގައި ޙައްޤުތައް ކަށަވަރުކުރެވިފައިވާ ވެއްޓެއް ޤާއިމްކުރުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެެފި އެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިއަދަކީ ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށިތާ 75 އަހަރު ފުރޭ ދުވަސްވެސްމެ އެވެ.
މި އަހަރުގެ މިދުވަހުގެ ޝިއާރަކީ ”އިންސާނީ ޙައްޤުތައް، އަޅުގަނޑުމެންގެ އާންމުދިރިއުޅުމުގައި ހިމެނޭ ކަންކަން“ އެވެ.
އެޗްއާރުސީއެމް އިން ބުނި ގޮތުގައި މި ޝިޢާރުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަކީ ދިރިއުޅުމުގެ ކޮންމެ ދުވަހަކާވެސް ގުޅިފައިވާ އަސާސީ ކަމެއްކަން ފާހަގަކުރުމެވެ. މިގޮތުން، ޞިއްޙީ ފަރުވާ ލިބުމާއި، ރަނގަޅު ތަޢުލީމެއް ލިބުމާއި، ސާފުތާހިރު މާޙައުލެއްގައި ދިރިއުޅުމުގެ ޙައްޤު ފަދަ އެތައް ޙައްޤުތަކެއް ދިރިއުޅުމާ ގުޅިލާމެހިފައިވާކަން ކޮމިޝަނުން ފާހަގަކުރި އެވެ.
ކޮމިޝަނުން ބުނިގޮތުގައި، ތަފާތުކުރުންތަކުން ބަރީއަވެ ހަމަހަމަކަމާއެކު އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ މަޤްޞަދަކީ ޙައްޤުތަކާމެދު ހޭލުންތެރިކަން އުފައްދައި، ޙައްޤުތަކާމެދު އިތުބާރު އިތުރުކޮށް، އެންމެން އެކުގައި ގުޅިގެން އެކެއް އަނެކެއްގެ ޙައްޤުތަކަށް އިޙްތިރާމުކުރުމަށް ބާރުއެޅުމެވެ.
ކޮމިޝަަނުން ބުނި ގޮތުގަައި އެ ކޮމިޝަންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދީ، ޙައްޤުތައް ކަށަވަރުކުރެވިފައިވާ ވެއްޓެއް ޤާއިމުކުރުމެވެ.



