މާލޭގައި 64 އަހަރުގެ ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށް، 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ އިއްޔެ 10:05 އެހާކަންހާއިރު މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މި ހާދިސާގައި 64 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވެ އެވެ. 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ދެ މީހުންވެސް އިއްްޔެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، ބެލިބެލުމުން އެނގިފައިވަނީ މިއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ހިންގި މާރާމާރީއެއް ކަމަށެވެ.
މި މައްސަލައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، މި ހަމަލާދިނުމުގެ ތުހުމަތުގައި 32 އަހަރުގެ އަންހެން މީހާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



