މާލޭގެ ގެއެއްގެ ތެރޭގައި ދެމީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުނީ މިއަދު 10:05 ހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މި ދެމީހުންގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ބުނެ އެވެ. މި ހަމަނުޖެހުމުގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ، މިވަގުތު ދެމީހުންނަށް ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި މާރާމާރީއާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މިއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ހިންގި މާރާމާރީއެކެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.



