މާލޭގެ ގޭގެ ނަން ބޯޑް ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެ އާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތް ކުރާއިރު، ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަ ކަމަށެވެ.
އެހެންކަމުން، ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތް ކުރާއިރު، ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
ސިޓީ ކައުންސިލުން ވަނީ، އެކަން ހައްލު ކުރުމަށް ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބަހައްޓަން އަންގައިފަ އެވެ.