މިސްކިތްތަކުން ބަންގީގެ އަޑު މަޑު ކުރަނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި އެ ކައުންސިލުން ސްޕީކަރުތަކާއި ކުޅޭ ކަމަށް އިސްލާމީ ކަންތަކާއި ބެހޭ މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތައް ހުންނަނީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި ކަމަށެވެ. އަދި ވީހާވެސް ދުރަށް ބަންގީގެ އަޑު އިއްވުމަކީ މިނިސްޓްރީން އަބަދުވެސް އިމާމުންނަށް އަންގާ ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ސިޓީ ކައުންސިލްގައި މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތަކާއި ނުކުޅުމަށް އެތަށްފަހަރަކު އެދިފައިވާ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
”ސިޓީ ކައުންސިލަށް ތަކުރާރުކޮށް އަޅުގަނޑުމެން އެދެމުން މި ދަނީ ސައުންޑް ސިސްޓަމްތަކާ ނުކުޅޭށޭ ތިބޭފުޅުން. ސައުންޑް ސިސްޓަމްތަކުން ބަންގީގެ އަޑު ވީހާވެސް ދުރަށް އިއްވުމަށް އަޅުގަނޑުމެން މި އޮންނަނީ އަންގާފަ. އޮންނައިރުގެ ސިޓީ ކައުންސިލުގައި ތިބޭ ބަޔަކު ގޮއްސަ އޭގައި އަޑު މަޑުކުރާ ގޮތް ހެދުމަކީ މިނިސްޓްރީއާ ބެހޭ ކަމެއް ނޫން.“ ޝަހީމް ވިދާޅުވި އެވެ.
މިކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ރައްދު ދެއްވައި އެކްސްގައި ޕޯސްޓް ކޮށްފައިވެ އެވެ. އެ ޕޯސްތުގައި އާޒިމް ވަނީ ޝަހީމް ވިދާޅުވީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފަ އެވެ. އާޒިމް ވިދާޅުވީ އެކަހަލަ ކަމެއް ސިޓީ ކައުންސިލުން ކޮށްފައި ނުވާނެ ކަމަށެވެ.
”ބަންގީގެ އަޑު މަޑުކޮށް އަޑު ގަދަކުރަނީ މިނިސްޓްރީގެ އިންސްޓްރަކްޝަން އަށް މިނިސްޓްރީ އިން ވަޒީފާ ދީފައިވާ މުދިމުން“ އާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މާލެ ސިޓީ ކައުންސިލް