ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެ، 9 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބައްސާމް އަދީލް ޖަލީލް، ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުވާން ދެކޮޅު ހެދުމުން، ކުލަ ހެދުމުގައި އޭނާ ޝަރީއަތަށް ހާޒިރުކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއާ ގުޅޭ އަޑުއެހުމެއް މިއަދު ހެނދުނު 8:15 އަށް ތާވަލުކުރި ނަމަވެސް، ގަޑިއަށް ޝަރީއަތް ފެށިފައެއް ނުވެ އެވެ. ކޯޓުން ބުނީ އެއީ ބައްސާމް ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހަދަމުންދާތީ ކަމަށާއި، ކަރެކްޝަންސް މެދުވެރިކޮށް އޭނާ ހާޒިރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއަށްފަހު 11:00 ގައި ބޭއްވި އަޑުއެހުމަށް ބައްސާމް ހާޒިރުކުރެވުނުއިރު، އޭނާ ހުރީ ކުލަ ހެދުމުގައި ބިޑި އަޅުވާފަ އެވެ.
މިއަދުގެ އަޑުއެހުމަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ނަމަވެސް އެ މައްސަލާގައި ދެން ހިމެނޭ މުހައްމަދު އަގީލް ހާޒިރުނުވުމުގެ ސަބަބުން އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ. މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވަނީ ހެކިބަސް ނެގުމަށް މާދަމާ އަޑުއެހުމެއް ބާއްވަން ނިންމަވާފަ އެވެ. އަދި އެ އަޑުއެހުމަށް އަގީލު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް އަމުރުކުރެއްވި އެވެ.
މިއަދު ޝަރީއަތުގެ މަޖިލީހުގައި ބައްސާމްގެ ފަރާތުން ވަނީ ވަކީލުންނާ ބައްދަލުކުރަން ދަތިތައް ހުރިކަން ފާހަގަކޮށްފަ އެވެ. އެއާއެކު ޝަރީއަތުން ވަނީ ވަކީލު ބައްދަލުވުންތައް ފަހިކޮށްދެއްވުމަށް ކަރެކްޝަނަށް އެންގާފަ އެވެ.
ބައްސާމްގެ މައްޗަށް މިހާރު ދައުލަތުން ކުރަމުންދާ ދައުވާތައް ގުޅިފައިވަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ބައްސާމްގެ ވަކީލުން ވަނީ ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ބުނެފަ އެވެ.
މި މައްސަލާގައި ބައްސާމްގެ އިތުރުން ތިން ފަރާތެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެއީ މަނީ ލޯންޑާ ކުރުމަށް އެހީތެރިވި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަގީލް (ފެހިކުރި/ގއ. ގެމަނަފުށި) އާއި ހަސަން ވަހީދު (މ. ހިރިނައިދޫ) އެވެ. އަދި، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
