އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާކުރި ހަލީމަތު ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް އަމުރުކޮށްފި އެވެ.
މޭރީ މަރާލި މައްސަލައިގައި ލަމްހާގެ މައްޗަށް ކޮށްފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ޝަރީއަތް ނިމެންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށްފަހު ޝަރުތުތަކަކާއެކު ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި އަނެއްކާވެސް ވަނީ ލަމްހާ ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
މީގެކުރިން ލަމްހާގެ މައްސަލަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ރަޝާދު އެވެ. ނަމަވެސް ގާޒީ ފާއިޒް ސަސްޕެންޝަންގައި ހުންނެވުމުން މިއަދު އެ މައްސަލަ ބެއްލެވީ ގާޒީ އިބްރާހިމް ޒިހުނީ އެވެ. ލަމްހާ ބަންދުކުރުމުގެ މައްސަލައިގައި މިއަދު ގާޒީ ނިންމެވީ، ލަމްހާ ކުރިން ބަންދުކުރި ހާލަތު ބަދަލުވެފައި ނުވާ ކަމަށެވެ.
އެހެންކަމުން، ލަމްހާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ވަޒަންކުރަން ރިސްކް އެސެސްމަންޓް ހެދުމަށް ކުރިން ބުނެފައިވީނަމަވެސް، އެ އެސެސްމަންޓް ހަދަން ނުޖެހޭނެ ކަމަށް ނިންމަވައި، ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރެއްވި އެވެ.
ފިލިޕިންސަށް ނިސްބަތްވާ މޭރީ މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މޭރީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އެވެ. އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.
