ޝަމްއާނަށް ކުރާ ދައުވާ – މި ވަގުތު ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުހުންނާނެ: ގާޒީ

Advertisement

އެންމެ ފަސް

Advertisement

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގައި ހެކިބަސް ނަގަން ފަށައިފި އެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފައިވެ އެވެ. މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ޝަމްއާން ހައްޔަރުކޮށް ބަންދު މުއްދަތުޖެހުމަށްފަހު މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، ޝަމްއާން ވަނީ މި މައްސަލައިގައި މިހާރު ބަންދުގައިހުރީ ހަމައެކަނި އޭނާކަން ފާހަގަކޮށްފަ އެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިތިބީ ޝަމްއާންގެ އިތުރުން އިތުރު މީހެއް ކަމަށާއި، އެ މީހާވެސް ބަންދުން ދޫކޮށްލީ ސިއްހީ ހާލަތު ހުރިގޮތުން ޑޮކްޓަރުންގެ ލިޔެކިޔުންތަކަށް ބިނާކޮށް ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މި ވަގުތު ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުހުންނާނެ ކަމަށާއި، ބަންދުގައި ބަހައްޓާފައިވަނީ ކޮންމެހެން ބަންދުކުރަން ޖެހޭ ކަމަށް ފެންނަ ފަރާތްތައް ކަމަށެވެ. އަދި އޮންނަ އިޖުރާއަތުގެ ތެރެއިން ބަންދު މުރާޖާއަށް ހުށަހެޅުމުން ބެލުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ ހެއްކެއްގެ ހެކިބަސް ނަގާފަ އެވެ. އެގޮތުން ހެކިބަސް ނަގާފައިވަނީ ޝަމްއާން ކުއްޔަށް އުޅެމުންދިޔަ ގޭގެ ވެރިފަރާތުގެ ހެކިބަހެވެ. އޭނާގެ ހެކިބަސް ނަގާފައިވަނީ ސީސީޓީވީ ފުޓޭޖް ހޯދިގޮތާއި ގުޅޭގޮތުން ސުވާލުކުރުމަށެވެ.

މި މައްސަލައިގެ ހެކިބަސް އަންނަ މަސް ނިމެންވާއިރަށް ނަގާ ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފުލުހުން މި މައްސަލައިގައި މީގެކުއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ. ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓު މުހައްމަދު ޝަމްއާން ވަހީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ