އީވޯޓިންއަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ވަނީ ޖަވާބުދެއްވާފަ އެވެ. އެގޮތުން އީސީން އީވޯޓިންއަށް ދިއުމުގެ ވިސްނުން ގެންގުޅޭތޯ ސުވާލުކުރެއްވީ މެންބަރު އަހުމަދު އަޒާން މަރުޒޫގް އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އީވޯޓިންއަށް ދިޔުމުގެ ޕްލޭނެއް އިލެކްޝަންސް ކޮމިޝަނުން ނުގެންގުޅޭ ކަމަށެވެ. އެކަމުގައި އިލެކްޝަންސް ކޮމިޝަންގެ ވިސްނުން ވަރަށް ސާފު ކަމަށް ޒާހިދު ވިދާޅުވި އެވެ.
އިންތިޚާބެއްގައި އެންމެ މުހިންމު އެކައްޗަކީ ރައްޔިތުންގެ އިތުބާރުކަން ފާހަގަކުރައްވާ ޒާހިދު ވިދާޅުވީ މިހާރު ރާއްޖޭގައި ވޯޓުލުމަށް ގެންގުޅޭ ސިސްޓަމަށް ރައްޔިތުން އިތުބާރު ކުރާ ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކުރުމުގެ މާހައުލެއް މިވަގުތު ރާއްޖޭގައި އޮތްކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވީ އީސީގެ ކަންކަން ޑިޖިޓަލް ކުރަމުންދާ ކަމަށާއި ނަމަވެސް މިވަގުތު ވޯޓުލުން އީވޯޓިންއަށް ބަދަލުކުރުމުގެ ވިސްނުން ނެތްކަމަށެވެ.
ބަޖެޓް 2026 ބަޖެޓް ކޮމިޓީ އިލެކްޝަންސް ކޮމިޝަން (އީސީ) ދައުލަތުގެ ބަޖެޓް
