ކޯޓު މަރުހަލާގައި ތާށިވެފައިހުރި ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބި އެބަހުރި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ފެށިގެން ސުޕްރީމް ކޯޓާއި ހަމައަށް ޓެކުހާ ގުޅޭ މައްސަލައެއް ނިންމުމަށް ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ނަގާ ކަމަށެވެ. އަދި މިއީ ޓެކުހުގެ ފައިސާ ހޯދުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން ޒަރީރު ފާހަގަކުރެއްވި އެވެ.
މީރާގައި ޓެކުހާ ގުޅޭ މައްސަލަތައް ބެލުމުގައި ހަރަކާތްތެރިވަނީ ގާތްގަނޑަކަށް ފަސް ވަރަކަށް ވަކީލުންކަން ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ ޓެކުހާ ގުޅޭ 200 އެއްހާ މައްސަލަ މީރާއިން ގެންގުޅޭ ކަމަށެވެ.
ކޯޓު މަރުހަލާގައި ހުރި މައްސަލަތަކުގެ ސަބަބުން ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބި ހުރިކަންވެސް ޒަރީރު ފާހަގަކުރެއްވި އެވެ.
މީގެެއިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޒަރީރު ވަނި މީރާއިން ބެޖެޓާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހާމަކޮށްފަ އެެވެ. އެގޮތުން މީގެ ކުރިން 10 ވަަރަކަށް އަހަރު މީރާއަށް ބަޖެޓްގެ ގޮތުގައި 120 މިލިއަން ލިބޭކަން ޒަރީރު ފާހަގަކުރެއްވި އެވެ. މިއަހަރުވެސް ބަޖެޓް ސީލިންގްގެ ގޮތުގައި 120 މިލިއަން އޮތްނަމަވެސް މީރާގެ ބަޖެޓްގެ ގޮތުގައި ބަޖެޓް ފޮތުގައި ހިމަނާފައިވަނީ 116 މިލިއަން ރުފިޔާކަން ޒަރީރު ފާހަގަކުރެއްވި އެވެ.
އެގޮތުން މުވައްޒަފުންގެ މުސާރައިން 3 މިލިއަން ވަރު އުނިކޮށްފައިވާކަން ޒަރީރު ފާހަގަކުރެއްވި އެވެ. މިރާގައި މުވައްޒަފުން ހިފެހެއްޓުމުގައި ދަތިވެފައިވާކަން ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ އެކަމުގެ އެންމެ ބޮޑު ގޮންޖެހުމަކީވެސް މުސާރަ ކަމަށެވެ. އަދި މަސައްކަތް ކުރަންޖެހޭތަންތަނުގައި ހުންނަ ދަތިކަންވެސް ޒަރީރު ވަނީ ފާހަގަކުރައްވާފަ އެވެ.
މީރާގެ އޮނިގަނޑުގައި 370 މަގާމު އޮތްނަމަވެސް އެޕްރޫވް ކުރެވިފައިވަނީ 337 މަގާމު ކަމަށާއި މިވަގުތު ތިބީ 290 ވަރަކަށް މުވައްޒަފުންކަން ޒަރީރު ފާހަގަކުރައްވި އެވެ. އަދި މީރާއިން މިހާރު މަސައްކަތް ކުރަމުންދަނީ 43 މުވައްޒަފުން މަދުކޮށްކަމަށް ވިދާޅުވި އެވެ.
ބަޖެޓް 2026 ބަޖެޓް ކޮމިޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު މީރާ ދައުލަތުގެ ބަޖެޓް
