އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ މިފަދައިން ވިދާޅުވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައިއެސްސީ) ގައި ވާހަކަ ދައްކަވަމުންނެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ ސުލްހަވެރިކަމާއި ސަލާމަތީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ދެމެހެއްޓުމަށްޓަކައި މަލްޓިލެޓަރަލް ޕާލިމެންޓަރީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ގޮވާލައްވާފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ތެދުނޫން މައުލޫމާތު ފެތުރުމާއި، އިޤްތިސާދީ ނުތަނަވަސްކަމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަކީ ގުޅިފައިވާ މައްސަލަތަކެއްކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ސުލްހައާއި ސަލާމަތާއި ތަރައްޤީއަކީ ވަކި ލަނޑުދަނޑިތަކެއް ނޫންކަމަށާއި، އެއީ ވަކިނުކުރެވޭ ހަގީގަތްތަކެއްކަމަށެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވަމުންދާ ތަކުލީފާއި ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު އަމަލު ކުރެއްވުމަށް އިލްތިމާސްކުރެއްވި އެވެ.
”ބިރުވެރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަމާން ދުނިޔެއެއް ބިނާ ނުކުރެވޭނެ. އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް“ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސާރކް އަދި އޯ.އައި.ސީ. ފަދަ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިވެފައިވާކަމަށެވެ. އަދި، މިފަދަ ގުޅުން ދެމެހެއްޓުމަށާއި، އިންސާފުވެރިކަމާއި، އަދުލުވެރިކަމާއެކު ތަރައްޤީ ގެނައުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ޓެރަރިޒަމްއާއި، ކަނޑުގެ އަމާންކަން ނެތުމާއި، ސައިބަރ ރިސްކުތައް ފަދަ ނުރައްކާތަކާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންވެސް މަޖިލީހުގެ ރައީސް ގޮވާލެއްވި އެވެ. އަދި، ޕާލިމެންޓަރީ ޑިޕްލޮމެސީއާއި ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން އިތުރުކުރުމަށް، ސިއޯލް ޑެކްލެރޭޝަންގެ މައްޗަށް ބިނާކޮށް އިސްލާމްއާބާދު ޑެކްލެރޭޝަން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން އެހީތެރިވުން ފޯރުކޮށްދޭނެކަން ކަށަވަރުކޮށްދެއްވި އެވެ.
