ޝަރީއަތް ނުނިމި ބަންދުގައި ”ވާނުވާ“ ގައި މީހުން ތިބެގެން ނުވާނެ ކަމަށާއި އެފަދަ މައްސަލަތައް އަވަހަށް ނިންމައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޖުޑިޝަރީ މިނިވަންކޮށް ހިދުމަތް ދިނުމުގައި އަމިއްލައަށް ޚަރަދުކުރެވޭނެ ގޮތް ބަޖެޓްގައި ކަނޑައަޅާފައިވާނެ ކަމަށެވެ. އެގޮތުން ޖުޑިޝަރީއަތް ޚާއްސަ ބްލޮކް ގްރާންޓެއް އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހާއްސަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
”ވާނުވާ“ އަށް ހައްލު ހޯދުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި މުހިިންމު ވައުދެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެކަން ނިމޭނީވެސް ޖުޑިޝަރީއަށް ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށްދެވިގެން ކަމަށެވެ. އެކަމަށްޓަކައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ވަކި އިމާރާތެއް ހާއްސަކޮށް، ޖުޑިޝަރީއަށް ބޭނުންވާ ކަންކަމަށް ސަރުކާރުން ހައްލު ހޯދައިދެމުންދާ ކަމަށް ވިދާޅުވި އެވެ.
ކޯޓުތަކުގައި ހުރި މައްސަލަތައް އަވަހަށް ނިންމަށް ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު އެދެނީ ޝަރުއީ ދާއިރާއިން އަވަސް މިނެއްގައި މިހާރު މައްސަލަތައް، ކޯޓަށް ގެނެސްގެން ނިންމަންޖެހިފަ، މިކިޔާ ވާނުވާގަ ތިބި އެންމެންގެ މައްސަލަތައް އަވަހަށް ނިންމަދޭން. އެގޮތަށް ވާނުވާގައި މީހުން ތިބެގެން ނުވާނެ. އެމީހުންގެވެސް ހައްޤުތަކެއް ހުންނާނެ.“
ރައީސް މުއިއްޒު ވިދާޅުވީ ޖުޑިޝަރީން މިކަން ވަރަށް އަވަހަށް ނިންމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޤާނޫނީ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަމެއް އޮތްނަމަ ކަމާބެހޭ ޤާނޫނުތަކަށް އިސްލާހު ގެނައުމަށްވެސް ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސުޕީރިޔާ ކޯޓް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އިތުރަށްވެސް ސަރުކާރުން ކޮށްދޭންހުރި ކަންކަމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. ބޭނުންވަނީ ޖުޑިޝަރީއަކީ މިނިވަންކަމާއެކު އަދުލުވެރިކަމާއެކު ހަދާ ޖުޑިޝަރީއަކަށް ހަދަންކަމަށް ރައީސް ވިދާޅުވި އެވެ.
