ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ މުއްދަތު 15 އަހަރަށް ދަށްކުރި އިސްލާހް ތަސްދީޤްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ކޮލެޖު ހިންގާތާ 15 އަހަރުވުމުން އެ ކޮލެޖަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ، 05 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލެކެވެ.

ރަައީސް އޮފީހުން ބުނި ގޮތުގައި މި ބިލު ތަސްދީޤުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލުމާއި، ވަސީލަތްތަކާއި ޤާބިލުކަން ހުރި ފަރާތްތަކަށް ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި އިޞްލާޙާއެކު ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ މައިގަނޑު ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ، އެ މަރުކަޒަކީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ މަރުކަޒަކަށްވުން ނުވަތަ ބޭރު ޤައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށްވުމެވެ.

މީގެ އިތުރުން، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާން ޖެހެ އެވެ. މި ޝަރުޠުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (MNQF) ލެވެލް 7 އަދި 9 ގެ މަދުވެގެން ތިން ދާއިރާއަކުން ޕްރޮގްރާމްތައް ހިންގުމާއި، ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 ދަރިވަރުން ކިޔަވަމުން ގެންދިޔުން ހިމެނެ އެވެ. އަދި ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭޓިންގއެއް ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެފައިވުމާއި، އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން %10 އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ވުމަކީވެސް މުހިންމު ޝަރުޠުތަކެކެެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއެކު، މި ބިލު ވަނީ ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާފަ އެވެ. މި އިސްލާހުގެ ސަބަބުން ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޔުނިވަރސިޓީގެ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ޤާބިލު މަރުކަޒުތައް އިތުރުވުމަށް މަގުފަހިވެގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ