2007 ވަނަ އަހަރު އަދި އޭގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާވާ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ތާރީހީ އިސްލާހަށް މިވަގުތުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.
މި އިސްލާހަކީ މިއަހަރުގެ މޭ މަހުގެ ތެރޭގައި މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި އިސްލާހެކެވެ. މި ފިޔަވަޅަކީ ޖެނެރޭޝަނަލް ނުވަތަ ދުންފަތުން މިނިވަންވެފައިވާ ޖީލެއް އުފެއްދުމުގެ ބޭނުމުގައި ރައީސް އެޅުއްވި ފިޔަވަޅެކެވެ.
މި އިސްލާހަށް މިވަގުތުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު މިއީ ގައުމަކުން މިފަދަ ޖެނެރޭޝަނަލް ބޭންއެއް ތަމްފީޒު ކުރަން ފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ނިއުޒިލެންޑްއިން މިފަދަ ގާނޫނެއް އެކުލަވާލި ނަމަވެސް އެއަށް އަމަލު ކުރަން ފަށާފައެއް ނުވެ އެވެ. އަދި އިނގިރޭސި ވިލާތުގައިވެސް މިފަދަ ބިލެއްގެ މަސައްކަތް ކުރެވެމުން ދިޔަ ނަމަވެސް އެ ބިލު އަދި އޮތީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގަ އެވެ.
ދުންފަތާ ދުރު މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސް މުއިއްޒު މިހާ ބޮޑު ފިޔަވަޅެއް އަޅުއްވާފައިވަނީ ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށްފަހު ސިއްހީ ދާއިރާގެ މާހިރުންގެ ލަފަޔާއެކު ވަޒީރުންގެ މަޖިލީހުގައި ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު އެވެ. ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނަށް ރަނގަޅީ ދުންފަތް އެތެރެ ކުރުމުގެ އެއްވެސް ކަމެއް ނުކުރުން ކަމަށާއި އެ ދާއިރާއިން ދައުލަތަށް އާމްދަނީއެއް ހޯދަން ނުވިސްނަވާ ކަމަށެވެ. އަދި ދުންފަތުގެ ވިޔަފާރި ދޫކޮށް އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކަށް ރައީސް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން މަނާކޮށްފައިވާއިރު، މި ގާނޫނު ފާސްވުމުން އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެ އެވެ.
މީގެ އިތުރުން މި އިސްލާހުގައި ވަނީ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެޝިނަރީއާއި އާލާތްތައް ރާއްޖެ އެތެރެ ކުރުމަކީ މަނާކަމެއްކަމުގައި ކަނޑައަޅާފަ އެވެ. އަދި މިފަދަ މެޝިނަރީތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓު ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކް ކުރާ މެޝިނަރީވެސް ހިމެނޭކަމަށް ބަޔާންކޮށްފައިވެ އެވެ.
ދުންފަތުގެ ބާވަތެއް ވިއްކާއިރު އެ ވިއްކެނީ މި އިސްލާހުގައި ބަޔާންކޮށްފައިވާ އުމުރުގެ މީހަކަށް ނޫންކަން ކަށަވަރު ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއްކަމަށް ބުނެފައިވެ އެވެ. އަދި އެ ގަންނަން އަންނަ ފަރާތަކީ އެފަދަ ފަރާތެއްކަމަށް ޝައްކުވާނަމަ އޭނާގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގާ އެ ލިޔުން ދެއްކުމުން ނޫން ގޮތަކަށް އެ މީހަކަށް އެތަކެތި ވިއްކައިގެން ނުވާނެކަމަށްވެސް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން
