މުހިންމު ތިން ސިޔާސަތެއް މިއަދު ތަންފީޒު ކުރަން ފެށުމުގައި އެއްބާރުލުން ދެއްވި ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު ދަންނަވައިފި އެވެ.
މިއަދު ތަންފީޒު ކުރަންފަށާފައިވަނީ 1 ޖެނުއަރީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަން ބޭން، ކަށި މިޔަރުގެ ބޭނުމުގެ ހުއްދައާއި ހުރިހާ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމެވެ.
މި ތިން ކަންތައް ތަންފީޒު ކުރަން ފެށުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ތިން ކަންތައް ހަގީގަތަކަށް ހެދުމަށްޓަކައި މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށާއި އެއްބާރުލުންދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.
”މި 3 ކަންތައް ޙަޤީޤަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ނުހަނު ޝުކުރު ދަންނަވަން. އަދި، މި 3 ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭން އަކީ މިއަހަރުގެ މޭ މަހުގެ ތެރޭގައި މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރެއްވި އިސްލާހެކެވެ. މި ފިޔަވަޅަކީ ޖެނެރޭޝަނަލް ނުވަތަ ދުންފަތުން މިނިވަންވެފައިވާ ޖީލެއް އުފެއްދުމުގެ ބޭނުމުގައި ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅެކެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަދީފައިވާއިރު މި ހުއްދަ ދީފައިވަނީ ފިޝަރީޒް މިނިސްޓްރީން މި މަސްވެރިކަން ހިންގާނެ އުސޫލުތައް އެކުލަވާލާ، ހަރުކަށި ގަވާއިދެއް ގެޒެޓްކުރުމަށް ފަހުގަ އެވެ. ސަރުކާރުން މި އާ ގަވާއިދު އެކުލަވާލާފައިވަނީ ކަށިމިޔަރުގެ މަސްވެރިކަން ހިންގުމާއި، ބަލަހައްޓާ އަދި މޮނިޓަރ ކުރުމަށްޓަކައި ރާއްޖޭގެ ޤައުމީ މެނޭޖްމަންޓް ޕްލޭންގެ ދަށުންނެވެ.
ސިވިލް ސާވެންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު ސިވިލް ސާވިސް ގެ ގިނަ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ވަނީ ބޮޑުވެފަ އެވެ. މިއީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.
