ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލުތައް، ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.
މި ބަދަލުތަކާއެކު، ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުވެގެންދާނެއެވެ. މިއީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ވަނީ އަށް ދާއިރާއެއްގެ މުސާރައަށް އަންނާނެ ބަދަލުތައް ހާމަކޮށްފަ އެވެ.
މުސާރަ ބޮޑުވާ ދާއިރާއްތައް:
- ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް،
- ތައުލީމީ ދާއިރާ،
- ސިއްހީ ދާއިރާ،
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ދާއިރާ،
- ލީގަލް، ކަލްޗަރަލް އަދި ސޯޝަލް ސާވިސް،
- ސައިންސް އެންޑް ބިލްޓް އެންވަޔަރަމެންޓް ސާވިސް،
- ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް
މިއިން ކޮންމެ ދާއިރާއަކުން ވެސް، އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ މަގާމަކުން މުސާރައަށް އަންނަ ބަދަލުތައް ވަނީ އާއްމުކޮށްފަ އެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައިވަނީ ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުވެގެންދާނެ ކަމަށެވެ. މިއީ ރައީސްގެ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާތަނަށް ސަރުކާރުން ވަނީ ޓީޗަރުންނާއި ލެކްޗަރާސް އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކޮށް ފައެވެ. ރައީސް ޑރ. މުއިއްޒޫ ވިދާޅުވި ގޮތުގައި، މިއަހަރު މުސާރަ ބޮޑު ނުވާ އެހެން ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ އެވެ.
މި ބަދަލުތަކާއެކު، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ހަމަޖެއްސުމުގެ މަސައްކަތް އިތުރަށް ކުރިއަށްދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ފިނޭންސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)
