ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެވެ. މި މައްސަލައިގައި ބައްސާމްގެ މައްޗަށް ލޯންޑްރިންގެ ދައުވާ އަދި ހިޔާނާތުގެ ދައުވާ އުފުލާފައިވެ އެވެ.
ބައްސާމްގެ މައްޗަށް މި މައްސަލައިގައި ހިޔާނާތުގެ ދައުވާ ސާބިތުވެ އޮކްޓޫބަރު 8 ވަނަ ދުވަހު ވަނީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.
މިއަދު ވަނީ މި މައްސަލައިގައި ހިމެނޭ މަނީ ލޯންޑްރިންގެ ދައުވާގައި ބައްސާމްގެ މައްޗަށް ހުކުމްކޮށްފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުން ބައްސާމްގެ މައްޗަށް މިއަދު ހުކުމް ކޮށްފައިވަނީ ފަސް އަހަރަށް ޖަލަށްލުމަށެވެ. އަދި ލޯންޑަކުރި ފައިސާ ކަމަށްވާ 154,000 ރުފިޔާ ހަ މަސް ތެރޭގައި ދެއްކުމަށްވެސް ހުކުމް ކޮށްފައިވެ އެވެ.
މި މައްސަލައިގެ އިތުރުންވެސް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށްފައިވެ އެވެ. އެގޮތުން އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކޮށްފަ އެވެ.
