ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހުންތަކުގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރި އެވެ.
މި މައްސަލަގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ މުހައްމަދު ވަހީދު (ދިގަލި)، ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ކަސްޓަމްސްގެ ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރި އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާން އާއި ސިނގިރޭޓް ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު އެވެ.
ފަހުން ހައްޔަރުކޮށްފައިވަނީ؛
- އަހުމަދު ޝަމީމް / ހދ. ވައިކަރަދޫ، ނޫރަލީގެ (42އ) އާއި،
- އަހުމަދު ފިރުސާން / ހ. ރުމޭނިއާ (35އ) އަދި
- ހުސައިން ސާމިހް / އައްޑޫ ހިތަދޫ، ޗާންދަނީގޭ (35އ) އެވެ.
އެނގިފައިވާގޮތުގައި ފަހުން ހައްޔަރުކުރި 3 މީހުންނަކީ އެމްޕީއެލްގައި މަސައްކަތްކުރި 3 މީހުންނެވެ.
މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކޯޓުން އަމުރުކޮށްފައިވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އެވެ. މި ދެމީހުންގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިއަދު އަމުރު ކުރީ ކުރިން ބަންދަށް ޖެހި މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދިގަލި ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން
