ތިން ރަށެއްގައި ހޮސްޕިޓަލް ޑިޒައިންކުރުމާއި ސުޕަރވައިޒް ކޮށްދޭނެ ކޮންސަލްޓަންސީ ފާމެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައިވާގޮތުން މި މަސައްކަތް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ޏ. ފުވައްމުލައް، ލ. ފޮނަދޫ އަދި ފ. ނިލަންދޫ އެވެ. އަދި ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ އެހީގައި ހިންގަމުންދާ ހެލްތު ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާނެ 3 ޕްރޮޖެކްޓްތަކެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހެޅުމަށްދީފައިވާ ސުންގަޑިއަކީ 4 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަސް އެވެ.
ތިން ރަށެއްގައި ހޮސްޕިޓަލް ޑިޒައިންކޮށްދޭނެ ކޮންސަލްޓަންސީ ފާމެއް ހޯދަން އިއުލާންކުރިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދެއްވާނީ ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އަމާޒަކީ ރާއްޖެއިން ބޭރަށް ފަރުވާއަށްދާން ނުޖެހޭގޮތަށް، ރާއްޖޭގައި ފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މިނިސްޓްރީ އޮފް ހެލްތް މިނިސްޓްރީ އޮފް ފިނޭންސް ފ. ނިލަންދޫ ފުވައްމުލަށް ސިޓީ ލ. ފޮނަދޫ
 
															
 
															 
															 
															