އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި، އެ ކޮންޓެއިނަރުތައް އުފުލި ކަމަށް ތުހުމަތު ކުރެވޭ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށް، އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
ހައްޔަރުކުރި ކެޕްޓަންއަކީ ނ. މިލަދޫ ކެނެރީގޭ، އުމުރުން 57 އަހަރުގެ އާދަމް ވަހީދު އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އާދަމް ވަހީދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިއަދު ވަނީ 7 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އޭނާ ހައްޔަރުކުރީ ކޮންޓެއިނަރުތައް މާލެއިން ބޭރަށް އުފުލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތެއްގެ ގޮތުގަ އެވެ.
މި ސިނގިރޭޓުތަކަކީ މި އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މައްސަލައެއް ފަޅާއެރުމާ ގުޅިގެން އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ބެހެއްޓުނު ތަކެއްޗެވެ. ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި މި ސިނގިރޭޓުތައް އެތެރެކުރަން އުޅުނުއިރު، މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ޖުމްލަ 1،360 ކޭސް ސިނގިރޭޓެވެ. ކަސްޓަމްސްއިން އަންދާޒާކުރާ ގޮތުގައި، މި ސިނގިރޭޓްތަކުގެ ޑިއުޓީއަށް ޖުމްލަ 122 މިލިއަން ރުފިޔާ އަރަ އެވެ.
މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ގިނަ ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ. މީގެ އިތުރުން ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސް ވަނަ ފަރާތަކީ، ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން، 52އ، އެވެ. އޭނާ ހައްޔަރުކުރީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ. ކެޕްޓަން ހައްޔަރުކުރުމާއެކު މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފަ އެވެ.
ކަސްޓަމްސް ކްރިމިނަލް ކޯޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން