މި ސަރުކާރަށް 2 އަހަރު ނުވަނީސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންފި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސް މި ތާރީޚީ ކާމިޔާބު ޙާޞިލުކުރައްވާފައި މިވަނީ، ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުގަ އެވެ.
ރައީސް ކ. ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި މިވަނީ ވަޑައިގެންފަ އެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.

އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެކެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވި އެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގެ ސަބަބުން، މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން ދިގުލާ މަޝްވަރާތަކާއި، އެކި މަރުޙަލާތަކުގައި ޖަވާބު ނުލިބިވާ ސިޓީތަކަށް ޖަވާބު ހޯއްދެވުމުގެ ބަދަލުގައި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއެކު އެއްމޭޒެއްގެދޮށުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ ފުރުޞަތު ފަހިވެ، ތަރައްޤީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަޖެހިގެންދާކަން ފާހަގަކުރެވެ އެވެ.
