ކ. ކާށިދޫ ތަރައްގީ އަށް މުހިންމު ދެ މަޝްރޫއެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ސޮއި ކޮށްފައިވަނީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު އާއި އެ ރަށުގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަޝްރޫއުގެ އެއްބަސްވުމުގައެވެ.މި ދެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކާށިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުރިއަށް ގެންދެވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ކާށިދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަޒީމެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމް ހިންގުމުގެ މަޝްރޫއުގައި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި ކާށިދޫ ކައުންސިލް ގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލް ގެ ރައީސް މުހައްމަދު އާމިރުއެވެ.
ރައީސް ވިދާޅުވީ މިއަދު ސޮއި ކުރެވިގެންދިޔަ ފުޑް ސެކިއުރިޓީ ޕްރޮގްރާމާއެކު އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއު ރާއްޖޭގެ ފުޑް ސެކިއުރިޓީ ޕޮލިސީއަށް ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް ދޭނެ މަޝްރޫއަކަށް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ކާށިދޫ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
