ގައުމެއް ބިނާ ކުރުމުގެ މައިގަނޑު މަގުސަދަކީ، އެ ގައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ގާބިލުކަން ލިބިދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އަނބިކަބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ކްލިކް ކޮލެޖުގެ ރިހިޔޫބީލް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ފާހަގަކުރެއްވި ގޮތުގައި، ތަޢުލީމީ ނިޒާމުގައި ސިއްހަތު، ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުން ފިކުރީ ގޮތުންނާއި އަމަލީ ގޮތުން ގާބިލިއްޔަތު ކުރިއެރުވުމަށްޓަކަ އެވެ. މީގެ އިތުރުން، އުފެއްދުންތެރިކަމާއި، ވިޔަފާރި އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނު ކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވީ، ”އަހްލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަގްބަލެއް ހާސިލުކުރުމަށާއި، ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް.“ އެފަދަ ޖީލެއްގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީން ކުރެވޭނެކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ތަޢުލީމީ ދާއިރާއަށް އަލިއަޅުވާލައްވަމުން ސާޖިދާ ވިދާޅުވީ ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތަޢުލީމުގައި ވެސް އަދި ސަރުކާރުން ދެމުން ގެންދާ ތަޢުލީމުގައިވެސް މިފަދަ މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ތާރީހުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ހިދުމަތް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ގައުމު ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެއީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވިއެވެ. މިކަމުން ދައްކުވައިދެނީ، ގައުމުގެ ކުރިއެރުމަށްޓަކައި ތަޢުލީމީ މައިދާނުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން މުހިންމު ކަމެވެ.
