މަސްތުވާތަކެތީގެ ޖަމާއަތަކާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނެއްގައި 132 މީހުން މަރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި މަސްތުވާތަކެތީގެ ޖަމާއަތެއް ކަމަށްވާ ރެޑް ކޮމާންޑް ކްރިމިނަލް ޖަމާއަތާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، 132 މީހުން މަރުވެއްޖެ އެވެ.

އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މަރުވި މީހުންގެ ތެރޭގައި ހަތަރު ފުލުހުންނާއި، ޖަމާއަތުގެ މެންބަރުން ކަމަށް ޝައްކުކުރެވޭ 115 މީހުން ހިމެނެ އެވެ. ދެ ފަޤީރު އަވަށްތަކެއްގައި ގާތްގަނޑަކަށް 2,500 ފުލުހުންނާއި ސިފައިން ބައިވެރިވި މި ބޮޑު އޮޕަރޭޝަނާ ގުޅިގެން، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމުގެ ފާދުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންގެ މަޤްސަދަކީ ރެޑް ކޮމާންޑް ކްރިމިނަލް ޖަމާއަތުގެ ލީޑަރުން ހައްޔަރުކޮށް، އެ ޖަމާއަތް ފުޅާވުން ހުއްޓުވުމެވެ.

އޮޕަރޭޝަންގައި މަރާލި މީހުންގެ ހަށިތައް | އޭޕީ ފޮޓޯ: ސިލްވިއާ އިޒްކިއާޑޯ

ފުލުހުންގެ ތަރުޖަމާނު ފެލިޕޭ ކޫރީ ވިދާޅުވި ގޮތުގައި އިތުރު ހަށިތައް ފެނިފައިވަނީ ގަސްގިނަ ސަރަހައްދަކުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަރުވި މީހުން ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔައިރު ލައިގެން ތިބީ ކެމޮފްލާޖް އެވެ. ނަމަވެސް، އެ ސަރަހައްދުގެ ރައްޔިތުން ފަހުން އެމީހުންގެ ހެދުންތައް ނަގާފައިވާ ކަމަށާއި، އެއީ ހެކިތަކަށް އަތްލުން ކަމަށް ބަލައި ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރެއިޑުގެ ނަތީޖާއެއްގެ ގޮތުން 113 މީހުން ހައްޔަރުކޮށް، 93 ރައިފަލާއި، ބައި ޓަނަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. ޖަމާއަތުގެ މެންބަރުން ބަޑިޖެހުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ސްކޫލްތަކާއި ޔުނިވަރސިޓީއެއް ބަންދުކުރަން މަޖުބޫރުވެ، މަގުތައް ބަންދުކުރަން ޖެހުނެވެ.

އޮޕަރޭޝަން ހިންގި ބްރެޖިލްގެ ފަގީރު ސަރަހައްދު | އޭޕީ ފޮޓޯ: ސިލްވިއާ އިޒްކިއާޑޯ

ގަވަރުނަރު ކްލޯޑިއޯ ކާސްޓްރޯ މި ހާލަތު ސިފަކުރެއްވީ ”ނާކޯ-ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަނގުރާމައެއް“ ގެ ގޮތުގަ އެވެ. ނަމަވެސް މި އޮޕަރޭޝަންގެ ބޮޑު މިނާއި މަރުގެ އަދަދު ވަނީ މިހާތަނަށް ދިމައެއްނުވެ އެވެ.

އެ ސަރަހައްދުގެ ރައްޔިތުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ވަނީ މި އޮޕަރޭޝަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ބައެއް މީހުން އެއްކުރި ހަށިތަކުގެ ވަށައިގެން އެއްވެ ”ގަތުލުއާންމެއް“ ކަމަށް ބުނެ އަންނަނީ ހަޅޭލަވަމުންކަމަށް އެ ސަރަހައްދުގައި ހުރި އޭއެފްޕީގެ ރިޕޯޓަރު ބުނެ އެވެ، އެކްޓިވިސްޓަކު ރިޕޯޓުކުރި ގޮތުގައި ބަޑީގެ ނިޝާންތަކާއި ވަޅި ހަރާފައި ހުރި ނިޝާންތައް ހުރި ހަށިތައް ފެށިފައިވެ އެވެ. އެހެންކަމުން ފުލުހުންނާއި ސިފައިން އެ މީހުން މަރާލީކަމަށް އެ މީހުން ތުހުމަތުކުރެ އެވެ.

އޭޕީ ފޮޓޯ: ސިލްވިއާ އިޒްކިއާޑޯ

މި ހާދިސާއާ ގުޅިގެން މަދަނީ ޖަމާއަތްތަކާއި އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ވަނީ މި މައްސަލަތައް ތަހުގީގުކުރުމަށް ގޮވާލާފަ އެވެ.

ބްރެޒިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ