ދައުލަތުގެ ބަޖެޓުން އޮކްޓޫބަރު 16 ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.2 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 30.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން ރިކަރަންޓް ޚަރަދު 0.2 އިންސައްތަ އަދި ކެޕިޓަލް ޚަރަދު 58.1 އިންސައްތައިން ދަށްވެފައިވާކަން ފާހަގަކުރެވެ އެވެ. ރިކަރަންޓް ޚަރަދުގެ 59.1 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވެ އެވެ.
ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދައަށް ބަލާއިރު، ނިމިދިޔަ ހަފްތާގެ ނިޔަލަށް 4.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 118.0 އިންސައްތައިގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދައުލަތުން ނަގާފައިވާ ލޯނުތަކަށް އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިތުރުވުމެވެ.
ކެޕިޓަލް ޚަރަދުގެ ގޮތުގައި 4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 3.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް މިހާތަނަށް 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ މަޝްރޫޢުތަކަށެވެ.
2025 ވަނަ އަހަރުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީ.އަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ މަޝްރޫޢުތަކަށް 3.9 ބިލިއަން ރުފިޔާ އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 164 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވެ އެވެ.