ސްކޭމްކޮށްގެން ފައިސާ ހޯދުމަށް ގެންގުޅޭ ނަމްބަރުތައް އެނގޭނެ ގޮތަށް ފުލުހުންގެ އިދާރާއިން މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގެ ”ރާއްޖެ މިއަދު“ ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވަމުން، އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަނުން ސްކޭމަރުންގެ ނަމްބަރުތަކާއި، އެކައުންޓު ނަމްބަރުތަކާއި، ފިޝިން ލިންކްތަކާއި އަދި ޕްރޮމްޓް މެސެޖުތަކުގެ މަޢުލޫމާތު ފެންނަން ހުންނާނެ އެވެ.
އެޕްލިކޭޝަނުގެ މައިގަނޑު މަޤްޞަދަކީ ސްކޭމްގެ ޢަމަލުތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތައް ހަރުދަނާކުރުމެވެ. މިގޮތުން، ޝައްކުކުރެވޭ ނަމްބަރެއް އެޕްގައި ސާރޗްކޮށްގެން އެއީ ސްކޭމް ކޯލެއްތޯ ބެލޭނެ އެވެ. އަދި ސްކޭމް ނަމްބަރެއްގެ މަޢުލޫމާތު ޕަބްލިޝްކުރެވޭ ހިސާބުން، އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެކަމާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އަޒީފް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ސްކޭމްގެ މައްސަލަތަކުގެ ތަޙްޤީޤުތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ނުލިބޭކަމުގެ ޝަކުވާ އާންމުން ކުރާކަން ފާހަގަކުރައްވައި، މި އެޕްލިކޭޝަން މެދުވެރިކޮށް މައްސަލަތަކުގެ އަޕްޑޭޓްވެސް ލިބޭނެ ކަމަށް އިންސްޕެކްޓަރ އަޒީފް ވިދާޅުވި އެވެ.
ފުލުހުންގެ މި އައު އެޕްލިކޭޝަނަކީ ސްކޭމްގެ މައްސަލަތައް ކޮންޓްރޯލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ. މި އެޕްލިކޭޝަން ތަޢާރަފުކުރެވޭ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.