ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 08:49 ހާއިރު ކަމަށާއި، އެއާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރު ކަމަށް މައުލޫމާތުދީފައިވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް އެމްއެންޑިއެފްއިން ބުނެފައިވެ އެވެ. ނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތުދީފައިވެ އެވެ.