އައްޑޫ ސިޓީގައި ނެގުމަށް ހަމަޖެހިފައިވާ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓަށް ރީރަޖިސްޓާ ވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.
އައްޑޫގައި ނަގާ މި ވޯޓަކީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ނެގުމަށް ނިންމެވި ވޯޓެކެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ގަރާރަކުން ރައީސް މިފަދައިން ނިންމެވީ އެ ސިޓީގެ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ އަތޮޅުގެ ހުޅުދޫ، މީދޫ އަދި ފޭދީ ރައްޔިތުންގެ ފަރާތުން އެދިފައިވާތީ އެކަމަށް އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމަށެވެ.
މި ވޯޓުގައި ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ ރަޖިސްޓްރީވުމަށް ހުޅުވާލީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށެވެ. އީސީ އިން ބުނި ގޮތުގައި މި މުއްދަތު މިހާރު އިތުރު ކޮށްފައިވަޖީ މިއަދުގެ އިރުއޮއްސި 16:00 ގެ ނިޔަލަށެވެ.
މި ވޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ޗެކްކުރެވޭނެ އެވެ. އެ ގޮތަށް ޗެކް ކުރުމަށް (VR space IDNO Send to 1414) އަށް މެސެޖު ކުރުމުން ޗެކް ކުރެވޭނެއެވެ. އަދި އެ ކޮމިޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.
މި މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އިންތިހާބިގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާނެއެވެ. އެގޮތުން ފޭދޫގައި 5 ފޮށި، ހުޅުދޫ އާއި މީދޫގައި 3 ފޮށި އަދި މާލޭގައި 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހު ވޯޓު ގުނަން ފަށާނީ ވޯޓުލައި ނިމޭތާ 30 މިނިޓް ފަހުންނެވެ. އިންސާނީ ބާރު ނުފޯރާ ކަމެއް މެދުވެރިވެގެން މެނުވީ ވޯޓުލުމުގެ ވަގުތު އިތުރުނުކުރާނެ ކަމަށާއި، ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އިލެކްޝަންސް ކޮމިޝަން (އީސީ)