މާއުނގޫދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ގަސްދުކުރަން: ރައީސް

Advertisement

އެންމެ ފަސް

Advertisement

ށ. މާއުނގޫދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ގަސްދުކުރައްވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވަމުންގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެ އަތޮޅު މާއުނގޫދޫއަށް މިއަދު ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މިއަދު އެ ރަށުގައި ރަސްމީކޮށް ފެށި މުހިންމު އުމްރާނީ މަސައްކަތްތަކާއި އެ ނޫންވެސް ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން، މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުތައް ނުބޭއްވުނު ކަމުގައިވީ ނަމަވެސް، އެ މަޝްރޫއުތައް ފައްޓަވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

އެގޮތުން ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު ސަރުކާރުން ގަސްދުކުރައްވަނީ، އެއީ، 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހެދުމަށްކަމަށް ރައީސް ވިދާޅުވި އެވެ. މި މަސައްކަތުގެ އިތުރުން، އެރަށު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތާއި، މާއުނގޫދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތާއި، ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި އިމާރާތްކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތްވެސް މިއަދު އެރަށުގައި ވަނީ އަމަލީގޮތުން ފަށާފަ އެވެ.

މީގެއިތުރުން މާއުނގޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މޯލްޑިވްސް ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކުރައްވައިގެން އެމަސައްކަތް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ބަނދަރު މަޝްރޫއަށް، ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން އިތުރުކުރައްވާނޭކަމަށް ވިދާޅުވި އެވެ. ރަށުގެ ގިރާ ސަރަޙައްދުގެ މަސައްކަތް ކުރައްވާނީ، މޫދަށް އެރޭ ސަރަޙައްދެއް ހިމަނުއްވައިގެންކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މިއަހަރު އެ ރަށުގައި ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް ފައްޓަވައި، އެ ރަށުގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސް ވިދާޅުވި އެވެ.

ށ. މާއުނގޫދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ