ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި މެސެޖު ފޮނުވައިގެން ފިޝިންގ ސްކޭމެއް ހިންގަމުންދާތީ، މިކަމާމެދު ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި-ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
އެންޓި-ސްކޭމް ސެންޓަރުން ބުނެފައިވާ ގޮތުގައި، މި މެސެޖުތަކުގައި ހިމެނޭ ލިންކްތަކަކީ ރައްޔިތުންގެ އަމިއްލަ މަޢުލޫމާތާއި ޕާސްވޯޑުތައް ވަގަށް ނެގުމަށް ފަރުމާކޮށްފައިވާ ލިންކްތަކެކެވެ. އަދި މި މެސެޖުތައް ފެންނަން ހުންނަނީ އެޗްޑީސީން ފޮނުވާ މެސެޖުތަކާ އެއްގޮތަށް ކަމުގައިވީ ނަމަވެސް، މިއީ އެޗްޑީސީގެ ރަސްމީ މެސެޖުތަކެއް ނޫންކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
މި ލިންކުތައް ފޮނުވަނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅަން ހުޅުވާލިކަމަށް ބުނެ އެވެ. އަދި ލިންކަށް ވަނުމުން އެޗްޑީސީގެ ލޯގޯ ފެންނަން ހުރެ އެވެ.
މި މައްސަލައާ ގުޅިގެން އެންޓި-ސްކޭމް ސެންޓަރުން ރައްޔިތުންނަށް އަންގާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- މެސެޖުގައިވާ ލިންކްތަކަށް ނުފީއްތުމަށް
- އެހެން ފަރާތްތަކާ މެސެޖު ޙިއްސާ ނުކުރުމަށް
- އެޗްޑީސީގެ ރަސްމީ ޗެނަލްތަކުން މެސެޖުތައް ޔަގީންކުރުމަށް
މީގެއިތުރުން، މިފަދަ ޝައްކުވާ މެސެޖުތައް ފެނިއްޖެނަމަ، ލަސްނުކޮށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. މިފަދަ ސްކޭމްތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އާންމުންގެ އެއްބާރުލުން މުހިންމުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދިވެހި ފުލުހުންގެ ޚިދުމަތް