ކަނޑުދަތުރުފަތުރުގެ ދާއިރާގެ ކުރިއެރުން އެންމެ ނާޒުކު ޖަޒީރާ ޤައުމުތަކުގެ މުސްތަޤްބަލުގެ މައްޗަށް ބިނާވެގެން ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ފުޒޫގައި މިހާރު ކުރިއަށްދާ ވޯލްޑް މެރިޓައިމް އިކުއިޕްމަންޓް ކޮންފަރެންސް 2025 ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، މިހާރު ކުދިކުދި ބަދަލުތައް ގެނައުމުގެ ވަގުތު ހަމަވެފައިވާ ކަމަށާއި، ކަނޑުތައް ހޫނުވަމުންދާއިރު މިކަމުގައި އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.
”މިއަދު އަޅުގަނޑުމެން ކަނޑުދަތުރުފަތުރުގެ އާލާތްތަކާއި، އުޅަނދުފަހަރު ބަނުމާއި، ތެލުގެ ބާވަތްތަކާއި، ބަނދަރުތައް ފަރުމާކުރުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުން އަޅުގަނޑުމެންގެ ދުނިޔޭގެ މުސްތަޤްބަލު ކަނޑައެޅިގެންދާނެ،“ މިނިސްޓަރ އަމީން ވިދާޅުވި އެވެ.
އޮކްޓޯބަރު 16 އިން 19 އަށް ކުރިއަށްދާ މި ކޮންފަރެންސްގައި 50 އަށްވުރެ ގިނަ ޤައުމުތަކާއި ސަރަޙައްދުތަކުން 800 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ކޮންފަރެންސްގައި މިނިސްޓަރ އަމީން ވަނީ ޙިއްސާކުރެވޭ ކަނޑުގެ މުސްތަޤްބަލަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ކޮންފަރެންސްއާ ގުޅިގެން ”ޗައިނާ މެރިން އިކުއިޕްމަންޓް އެކްސްޕޯ 2025“ ގެ ނަމުގައި 100,000 އަކަމީޓަރުގެ ސަރަޙައްދެއްގައި މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މައުރަޒުގައި ދުނިޔޭގެ 700 އަށްވުރެ ގިނަ ކަނޑުދަތުރުފަތުރުގެ ކުންފުނިތަކުން ބައިވެރިވާނެ އެވެ. މީގެއިތުރުން 13 ސަބް-ފޯރަމްއާއި، އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައި.އެމް.އޯ) އާ ގުޅިގެން ހާއްސަ ސެމިނާރތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.