ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި ބާޒާރުން ލިބޭނެ މަގު ފަހިކުރަން ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެެން ވިދާޅުވެފައި ވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށެވެ.
”ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަންވެސް ސަރުކާރުން މިދަނީ ޢަމަލީ ފިޔަވަޅުތަކެއް އަޅަމުން.“
ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމައެއް ހޯދުމުގައި، އަދި ދަރީންނަކީ ސިއްހަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ސިއްހީ އާދަތައް ހިފެހެއްޓުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ ޤައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނަން.“
ރަައީސްގެ ޕޯސްޓްގައި ވަނީ ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލަހައްޓަވަން އެދިވަޑައިގެންފަ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ އ.ދގެ ފުޑް އެންޑް އޮގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) 1945 ގައި އުފެދުނު ދުވަހާ ގުޅުވައިގެންނެވެ.