ށ. މިލަންދޫ އެއަރޕޯޓުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ، ށ. އަތަޅުގެ ރަށްތަކައް އެމަނިކުފާނު މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިލަންދުއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅަކީ އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢު ކަމަށެވެ. މި އެއަރޕޯޓަކީ މުޅި އެ އަތޮޅަށްވެސް ތަރައްގީގެނެސްދޭނެ އުއްމީދީ މަޝްރޫއެއްކަމުން އެ މަޝްރޫއަށް ޚާއްސަ އިސްކަމެއްދެއްވާނެ ކަމަށެވެ.
”މިލަންދޫ އެއަރޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވާނީ އެއަރޕޯޓު އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާއަށްވެސް ބެލިގެން ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންހިފޭނެގޮތަށް ބެލިގެން، އަދި އެއަރޕޯޓު އެޅުމަށްޓަކާ ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭތީ، އެއަރޕޯޓު މަޝްރޫޢު ޑިޒައިންކޮށް ކުރިއަށްގެންދާނީ އެކަމަށް ބޭނުންވާ އިންތިޒާމްތައްވެސް ހަމަޖެހޭނެހެން.“
އެމްއޭސީއެލްއާއެކު މި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރޭގައި އެއަރޕޯޓު އެޅުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ހިމެނިފައި އޮންނާނެ ކަމަށާއި، މި މަޝްރޫޢަކީ 40 ހެކްޓަރުގެ ބިން ހިއްކުމާއި އަޕްގްރޭޑްކުރެވިގެން އައު ބަނދަރެއް ހެދިގެން ދިއުމާއި ހުރިހާކަމެއް ހިމެނޭގޮތަށް ހަވާލު ކުރެވުނު މަޝްރޫއުއެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ، ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށާއި، 30 މަސް ދުވަހުގެ ތެރޭގައި ބަނދަރު ބަދަލުކުރުމާއި އައު ބަނދަރެއް ހެދުންވެސް ހިމެނޭގޮތަށް އެރަށުގައި އެއަރޕޯޓް ނިންމައި ހުޅުވާނެ ކަމަށެވެ.