2026 ވަނަ އަހަރުގެ މާރޗް މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މި އިންތިހާބުގެ އިދާރީ މަސައްކަތްތަކަށް 270 އަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށް ޒާހިދު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ޓްރެއިނަރުންގެ ގޮތުގައި 110 މީހުން ހޯދުމަށް ހުޅުވާލުމުން މިހާރު ވަނީ 115 ފަރާތަކުން ކުރިމަތިލާފަ އެވެ.
”މިހާރު މިގެންދަނީ އެމީހުން ޓްރެއިނަރުން ގޮތުގައި ރެކްރޫޓްކުރުމުގެ މަރުހަލާ. އެއިން ކޮންމެ މީހަކާ އިންޓަވިއުކޮށް، އެ އިންޓަވިއު ޕްރޮސެސްގެ ތެރެއިން އޭނާ ފާސްވޭތޯ ބަލައި މިހުރިހާކަމެއް އެބަދޭ,“ ޒާހިދު ވިދާޅުވި އެވެ. އަދި ކޮންމެ ރަށެއްގައި ރަށު ފެންވަރުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ފޯކަލް ޕޮއިންޓުން ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިންތިހާބުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ކެންޑިޑެޓުން ކުރިމަތިލުމަށް ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށްވުމެވެ. މިއީ އިދާރީ މަސައްކަތްތައް ފަސޭހަކޮށް، ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޒާހިދު ފާހަގަކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ އަންދާޒާގައި، މި އިންތިހާބަށް ގާތްގަނޑަކަށް 70 އިން 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. މި އިންތިހާބަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ބޭއްވޭ އެންމެ މުހިންމު އެއް އިންތިހާބެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ލޯކަލް ކައުންސިލް އިންތިހާބު 2026