މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %43.2 ގައި ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %43.2 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕަންސީ ރޭޓް ހުރީ %34.3 ގައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8.9 އިތުރު އަދަދެކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޅި ޖުމްލަ 835 ގެސްޓްހައުސެއް ވަނީ ހުޅުވާފަ އެވެ. އަދި ގެސްޓްހައުސްތަކުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ 14،218 އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ އައިސްފަ އެވެ. މީގެތެރެއިން 334،027 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގަ އެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %21.8 އެވެ.
ފުރަތަމަ 7 މަސްދުވަހު ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާއިރު ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓްވެސް ވަނީ އިތުރުވެފަ އެވެ. ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %34.3 ގައެވެ. އަދި ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ 69.5 އިންސަތައިގަ އެވެ.