ސްރީލަންކާ އަދި އިންޑިޔާއަށް ދަތުރުކުރާއިރު ފުރިހަމަކުރަންޖެހޭ ކަންކަމަށް އެ ދެ ގައުމުގެ އިމިގްރޭޝަނުން ބަދަލުތަކެއް ގެނެސްފައިވާތީ، އެކަންކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން މާދަމާއިން ފެށިގެން ”އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ)“ އެއް ހޯދަންޖެހޭނެ އެވެ. މިގޮތުން އެ ގައުމަށް ފުރުމުގެ 48 ގަޑިއިރާއި 24 ގަޑިއިރާ ދެމެދު އޮންލައިން ފޯމެއް ފުރިހަމަކުރަންޖެހޭނެ އެވެ.
އިންޑިޔާއަށް ދަތުރުކުރާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ”އީ-އެރައިވަލް ކާޑު“ އޮންލައިންކޮށް ފުރިހަމަކުރަންޖެހޭނެ ކަމަށް އެ ގައުމުގެ އިމިގްރޭޝަނުން ނިންމާފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެ އެވެ.
ނަމަވެސް މި ދެ ގައުމުން ދިވެހިންނަށް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކަށް އަދި ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. މި ދެ ގައުމަށް ދަތުރުކުރާ ފަރާތްތަކުން މި އާ އިޖުރާއަތުތަކަށް ސަމާލުކަން ދިނުމަށާއި، ދަތުރުކުރުމުގެ ކުރިން މި ކަންކަން ފުރިހަމަކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
ރާއްޖެ - އިންޑިއާ ރާއްޖެ - ލަންކާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް