މިނިސްޓަރ ހަލީލް، އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް، އެކުވެރި ދައުލަތްތަކުގެ (އދ. ގެ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމަކީ މިހާރު ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުމުގައި މަލްޓިލެޓަރަލިޒަމް ހަރުދަނާކުރުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ މެދުވެސް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، އެކުވެރި ދައުލަތްތަކުގެ 80 ވަނަ ޖެނެރަލް އެސެމްބްލީ (UNGA80) އާ ގުޅޭ ގޮތުންނާއި، ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް މާލީ އިސްލާހުތައް ގެންނަން ޖެހިފައިވާ މިންވަރާ މެދު ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކާއި، ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރ ހަލީލް، ސެކްރެޓަރީ ޖެނެރަލްއަށް މައުލޫމާތު ދެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ އިއްޔެގެ ދަންފަޅީގަ މިނިސްޓަރ ހަލީލް ވަނީ ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަފަ އެވެ.

އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލުކުރައްވަމުން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނު ހަމަހަމަކަމާއެކު ހުރިހާ މެމްބަރު ގައުމުތަކުގެ މައްޗަށް ތަންފީޒު ނުކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް އަލިއަޅުއްވާލައްވަމުން ހަލީލް ވިދާޅުވެފައިވަނީ، އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފުވެ، ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތަކާއި އދ. ގެ ގަރާރުތަކަށް ގޮންޖަހަމުންދާ ކަމަށެވެ. ”ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ވާގިދެނީ ބައިނަލްއަގުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ގައުމުތަކުން. ގަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާމު ނުފެނި ތިބި ތިބުން“ ކަމަށް ހަލީލް ވިދާޅުވިއެވެ.

ރާއްޖެ - އދ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ