ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހްޤީޤުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް އެވެ. މި ގަރާރުގެ ބަހުސް ނިންމާ ބަލައިގަތުމަށް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު ބަލައިގަތުމާ ދެކޮޅަށް 7 މެންބަރުން ވޯޓު ދެއްވި އެވެ. މި ގަރާރު ދިރާސާކުރުމަށްވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.
ޝަމީޒްގެ ގަރާރުގައި ބުނެފައިވަނީ، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަން އޭސީސީން 2021 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނެސްފައިވާއިރު، 2021 އިން 2023 ގެ ނިޔަލަށް ފެނަކައިގެ ތެރޭގައި ހިންގާފައިވާ ވައްކަންތަކަކީ އޭރުގެ ސަރުކާރުގެ އިސްވެރިންގެ އެނގުމުގެ ތެރެއިން ހިންގާފައިވާ ވައްކަންތަކެއްކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށްޓަކައި އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިުވާކަމާއި އޭގެ ބަދަލުގައި މިފަދަ އަމަލުތައް ހިންގުމުގެ ޖާގަ އިތުރަށް ލިބޭގޮތަށް ކަންކަން ކޮށްފައިވާކަމަށް ބެލެވޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ ފެނަކައިން މި މުއްދަތުގެ ތެރޭގައި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާކަމާއި، މިއީ ޖުމުލަ 673 އެއްބަސްވުމުގެ ދަށުން ހިންގާފައިވާ ކަންކަންކަމާއި، މި އެއްވަސްވުންތަކުގެ ތެރެއިން ގިނަ އެއްބަސްވުންތައް ހަދާފައިވަނީ އާންމު އުސޫލުން ބޭރުންކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވާކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ފެނަކަގެ އޭރުގެ އެމްޑީ އަހުމަދު ސައީދު އޭނާގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފަިއވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށާއި އަދި ސައީދުގެ އާއިލީ ތިން ކުންފުންޏަކާއެކު މުދަލާއި ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް ހަދާފައިވާކަމާއި އެ ތިން ކުންފުންޏަށް ޖުމުލަ 31.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ ރިޕޯޓުން އެނގެން އޮންނަ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ، އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ މި ބޮޑު ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތަކަކީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏަކުން ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތްކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ފެނަކަގެ 2.2 ބިލިއަން ރުފިޔާގެ މި ވައްކަމަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި އެފްޕީއައިޑީގެ ހިޔާނާތަށްވުރެވެސް ފައިސާގެ އަދަދުގެ ގޮތުން ބޮޑޫ ހިޔާނާތެއްކަމަށް ރައްޔިތުން ތުހުމަތުކުރާ ކަމަށް ބުނެފައިވެ އެވެ.
މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ފެނަކަ ހިޔާނާތް