ސަރުކާރު ބަދަލުވުމަކުން ފެނަކައިގެ ކޮރަޕްޝަނަށް ބަދަލެއް ނާާންނަ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒްގެ ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ. މެންބަރު ޝަމީޒް ގަރާރެއް ހުށަހެޅުއްވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުޤީޤުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލަ އެވެ.
މި ގަރާރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ފެނަކައިގެ އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އަރިހުން އެދުނީ ކުރީގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ކަމަށެވެ. މިހާރު ނިކުމެގެން އުޅޭ އޮޑިޓް ރިޕޯޓަކީ 19 ވަނަ މަޖިލީހުން ފޮނުވި ސިޓީއަކާ ގުޅިގެން ތައްޔާރުކޮށް ނެރުނު ރިޕޯޓެއްކަން ނާޒިމް ފާހަގަކުރެއްވި އެވެ.
”މިއީ އަޅުގަނޑުމެން އެދިގެން، މި މަޖިލީހުން އެދިގެން މި މަޖިލީހުން ބުނެގެން ތައްޔާރުކުރި ރިޕޯޓެއް ނޫން.“
ނާޒިމް ވިދާޅުވީ މި އޮޑިޓް ތައްޔާރުކުރުމުގައި އިތުރު އެއް އަހަރުގެ ކަންކަން ހިމެނުމަށް މިހާރުގެ މަޖިލީހުން އެދުނު ކަމަށާއި، މި މައްސަލައަކީ ކުރީގެ މަޖިލީހުން ފެށިގެން ބެލުމަށް އެދިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން މިއީ އޮޑިޓަރ ޖެނެރަލް އަވަސް އަރުވާލާފައި ވަކިކަމަކާ ގުޅިގެން ނެރުނު ރިޕޯޓެކޭ ބުނުމުގެ ޖާގައެއް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރު ބަދަލުވުމަކުން ފެނަކައިގައި ހިނގަމުންދިޔަ ކޮރަޕްޝަނަކަށް ބަދަލެއް އައިސްފައެއް ނެތް ކަމަށެވެ.
”ފެނަކައިގައި ހިނގަމުންދިޔަ ކޮރަޕްޝަނަކަށް ސަރުކާރު ބަދަލުވުމަކުން، އެއް ސަރުކާރު އަނެއް ސަރުކާރު ބަދަލުވުމަކުން ބަދަލެއް އައިސްފައެއް ނެތް. އެކަންތައްތައް ހަމަ އެގޮތަށް ކުރިއަށްދިޔައީ.“ ނާޒިމް ވިދާޅުވި އެވެ.
އޮޑިޓް އޮފީހުނުް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް، ޖަނަރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމާއި އެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ޖުމުލަ 674 އެއްބަސްވުމެއްގެ ދަށުން 2,239,640,958 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. މި އެއްބަސްވުންތަކުގެ ތެރެއިން 439 (65%) އެއްބަސްވުމެއްގެ ދަށުން 1,373,126,496 ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވަނީ، މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިޢުލާން ނުކޮށް އަދި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުންނެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާ އިތުރުކަމަކަށް ބަލާއިރު ފެނަކައިގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އެކި ރަށްރަށުން އެހެން ރަށްތަކަށް މުދާ އުފުލުމުގައި ދޯނި ފަހަރާއި ލޭންޑިން ކްރާފްޓްތައް ކުއްޔަށް ނެގުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން 191,602,363 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މީގެ ތެރެއިން 344 އެއްބަސްވުމެއްގެ ތެރެއިން ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފާފައިވަނީ މާކެޓް އަގަށް ވުރެ ބޮޑުކޮށްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މާކެޓް އަގުތަކަށްވުރެ ގާތްގަނޑަކަށް 47,546,407 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ފެނަކަ ފެނަކަ ހިޔާނާތް