ފެނަކަ އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ ނުޙައްގު މަންފާ ލިބުނު މީހުންގެ ތަހުގީގު ފުޅާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަކީ ޕީޖީ އޮފީހުން ހާއްސަ ސަމާލުކަމެއްދީގެން، އެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ދަންނަވާފައިވާ މައްސަލަތަކެއް ކަމަށެވެ.
މީގެއިތުރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، ހުށަހެޅުމަށްވެސް 19 ޖަނަވަރީ ގައި އޭސީސީއަށް އަންގާފައިވާނެކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ. މި އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ގޮސްފައިވާ ހިސާބު ޕީޖީ އޮފީހާ މަޝްވަރާކުރުމަށް 08 އޮކްޓޫބަރު 2025 ދުވަހުގެ ކުރިން ހުށަހެޅުމަށް މިއަދު އޭސީސީއަށް އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
”އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.“
ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލަތަކުގައި ޕީޖީ އޮފީހުގެ އެހީތެރިކަން ސައުވީސްގަޑިއިރު އޭސީސީއަށް ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައިވާ ކަމަށެވެ.
”އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިޔުމަށް ދަންނަވާފައިވާނެއެވެ.“
މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް ޕީޖި އޮފީހާއި، އޭސީސީ އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްއެމްޕީއާރްސީ ހިޔާނާތް ފެނަކަ ހިޔާނާތް ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)