މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރެވޭއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މަޖިލީހުން އައްޔަންކުރާ މެންބަރުންގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މި ފުރުސަތަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރޭގައި މީޑިއާ ރެގިއުލޭޝަން ޤާނޫނަށް ގެނައި އިސްލާހާއެކު އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސް ބޭފުޅުންވެސް ހިމެނެ އެވެ.
މީޑިއާ ކޮމިޝަނަށް ކުރިތިލެއްވި 10 ބޭފުޅުން:
- ފާރިސް ތޯހާ، ހ. ސޯސަން
- އިބްރާހިމް މުހައްމަދު، ގ. ވިންޑް
- މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
- ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
- އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
- މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
- މޫސާ ރިލްވާން، މ. ހާވިލާ
- ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
- ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
- ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް
މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން މިހާރު ވަނީ ހޮވިފަ އެވެ. މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު ހޮވިފައިވާއިރު، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހޮވިފަ އެވެ.
މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު، އެންމެ އެކަށީގެންވާ 3 ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން