ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 9 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގަ އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ އިއްޔެ ހިންގި އޮޕަރޭޝަނުގައި ރޯޝަނީ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުގައި އުޅެމުންދިޔަ 104 ބިދޭސީން ބަލައި ފާސްކުރިކަމަށެވެ.
މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ވެސް އިމިގްރޭޝަނުން ވަނީ މިފަދަ އެތައް އޮޕަރޭޝަނެއް ހިންގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފަ އެވެ. އަދި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހިންގާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.