އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ 3،942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އަދާހަމަކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ނަމުގައި ރާއްޖެއަށް ގެނެސްފައިވާ ބިދޭސީ ބައެއް މަސައްކަތްތެރިން ރަޖިސްޓްރީނުކުރާކަން ހޯމްލޭންޑް މިނިސްޓްރީއަށް ފާހަގަވުމާ ގުޅިގެން، މި މަސައްކަތް ފެށީ މިއަހަރުގެ ކުރީކޮޅު އެވެ. މި މަސައްކަތް ފުރަތަމަ ނިންމުމަށް ދީފައިވާ ސުންގަޑިއަކީ އޭޕްރީލް 20 އެވެ. ނަމަވެސް އޭގެ ފަހުން ސުންގަޑި އިތުރުކުރި ނަމަވެސް، އަދިވެސް ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ނުކުރެވެ އެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އަދާހަމަކުރުމަށް އެންމެ ފަހު ފުރުސަތެއްގެ ގޮތުގައި ދީފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޯމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމްކުރެވިފައިވާ ޖޮބް ސެންޓަރުން ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ޚިދުމަތް ލިބެން ހުންނާނެ އެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ދެވިފައިވާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރެވޭނެ އެވެ. އަދި އެ ބިދޭސީންގެ ވަޒީފާދޭ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ނަގަން ފެށީ 2024 ވަނަ އަހަރުގެ މެއި މަހު އެވެ. ”އޮޕަރޭޝަން ކުރަނގި“ގެ ދަށުން ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓު ކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހު ވިދާޅުވެފައިވަނީ ”ކުރަނގި އޮޕަރޭޝަން“ ޕްރޮގްރާމުގެ ދަށުން ކުރެވުނު ދިރާސާތަކުން މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި 178،982 ބިދޭސީން އުޅޭކަން ހާމަވެފައިވާ ކަމަށެވެ.
ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ