ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އެމްއޭސީއެލްއިން ބުނެފައިވަނީ، ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާ ކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސް މާލޭގެ ސްޓޭޝަން ހެޑް އަހުމަދު ހަނަމް ފާއިޒު އާއި އެމްއޭސީއެލް އާއި މެލޭޝިއާ އެއާލައިންސްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދީފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސް އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 170 ފަސިންޖަރުންނަށް ހަދިޔާ ދީފަވެ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި މެލޭޝިއާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، MH485 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށްވެސް އެމްއޭސީއެލްއިން މައުލޫމާތުދީފައިވެ އެވެ.
މެލޭޝިއާ އެއާލައިންސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިނެވެ. ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ, ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް, އިންޑިގޯ, ގަލްފް އެއާ އަދި މެލޭޝިއާ އެއާލައިންސް އެވެ.